badiedhuru.comThe top political news headlines
“ގާޒީންތައް އެއީ މަރާލާންވެފައި ތިބި ބައެއް”
ރާއްޖެއިން މަސްތުވާތަކެތި ނައްތާލާނޭކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސު ނަޝީދު ވިދާޅުވަމުން ގެންދަވާފައިވަނީ ރާއްޖޭގައި ތިބި މަސްތުވާތަކެތީގެ ބޮޑެތި ހަ މީހުން އެނގޭކަމުގައެވެ. އެ ހަ ބޮޑުން އަތުލައިގަތުމުން ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމާތްވާނޭކަމަށް ހީވާފަދަ އިބާރާތަކުން އޭރު ނަޝީދު ގެންދެވީ ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދިޔައީ ސަރުކާރަށް އެ ހަ މީހުން އެނގޭއިރު ހައްޔަރު ނުކުރަނީ ކީއްވެހެއްޔެވެ. ސަރުކާރުން މަސްތުވާތަކެތި ހުއްޓުވަން ބޭނުން ނުވާތީ ހެއްޔެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދިޔައީ ހެކި އެއްކުރަނީ ކަމުގައެވެ. ސަލާމަތްނުވެވޭނެހާ ސާބިތު ހެކި އެއްކުރުމަށް ފަހުގައި އެ އެންމެން ހައްޔަރު ކުރާނޭކަމަށެވެ. މި ގޮތުން ފުރަތަމަ އަތުލައިގަތީ ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރެވެ. ހަ މިލިޔަނަށްވުރެ ގިނަ ރުފިޔާއާއެކު މީނާ ސ. ހިތަދޫން އަތުލައިގަތުމަށްފަހު ޕޮލިހުން މައްސަލަ ތަޙްޤީޤުކޮށް މައްސަލަ ޝަރީޢަތަށް ފޮނުވުމުން ދިވެހިން ތިބީ އުފަލުންނެވެ.
ނަމަވެސް ފެބްރުއަރީ މަސް ނިމިގެން ދިޔައީ އާދަމް ނަސީރުގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި ނެތްކަމަށް ކުރި ހުކުމާއެކުއެވެ. މިއިން އެތައް ސުވާލުތަކެއް ވަނީ އުފެދިފައެވެ.
1. ސަރުކާރުން ބުނަމުން ގޮސްފައި އޮތީ މަސްތުވާތަކެތީގެ ބޮޑުން ހައްޔަރު ކުރާނީ ހެއްކާ އެކުގައި ކަމުގައެވެ. ނަމަވެސް މި މައްސަލަ ހެކި ނެތިގެން ސާބިތެއް ނުވިއެވެ. އެހެންކަމުން، ސަރުކާރުން ބުނާ ބަހާ އަމަލާ ދިމާވޭބާއެވެ.
2. ޝަރުޢީ ދާއިރާގެ އަގު ވައްޓާލުމަށް ސަރުކާރުން ދިން ހަމަލާއަކަށް މިކަން ނުވާނޭ ބާއެވެ. މީނާ ހައްޔަރުކުރުމަށް ފަހު ޓީވީން ދެއްކި ނޫސް ކޮންފަރެންސުގައި މީނާ މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ރެކޯޑުކޮށްފައިވާ ވީޑިއޯ ދެއްކުމުން ރައްޔިތުން ޔަގީންކޮށްގެން ތިބީ އޭނާއަށް ހައްޤު އަދަބު ލިބޭނެ ކަމަށެވެ. ނަމަވެސް އެ ވީޑިއޯވެސް، އެނާ ގެންދިޔަކަމަށް ބުނާ ދަޅުން އޭނާގެ އިނގިލީގެ ނިޝާނެއްވެސް ޝަރީޢަތަށް ހުށަނޭޅީ ރައްޔިތުން ހީކޮށްގެން ތިބި ގޮތާ ޚިލާފަށް ކޯޓުން ނިންމުވަން ބާއެވެ. އެނގޭކަމަކީ، މި މައްސަލަ ނިމުނުގޮތާ މެދު ހިތްހަމަ ނުޖެހިގެން “ގާޒީންތައް އެއީ މަރާލާންވެފައި ތިބި ބައެއް” ކަމަށް ބައެއް މީހުން އަޅުގަނޑު ގާތުވެސް ބުނެފައިވާކަމެވެ.
3. މީނާގެ މައްސަލަ ކޯޓަށް ހުށަހަޅާފައި މިވަނީ އެމްޑީޕީގެ ސަރުކާރަކުންނެވެ. މީނާގެ ދިފާޢުގައި ވާހަކަ ދައްކާފައިވާ ވަކީލަކީވެސް އެމްޑީޕީއާ ގުޅުންތަކެއް ހުރި ވަކީލެކެވެ. އެހެންކަމަށް ވީއިރު، ހެކިތައް ހުށަނޭޅީ މީނާ ސަލާމަތްކޮށްދިނުމަށް ނޫންބާއެވެ.
މި މައްސަލައިގައި ހުރި ހުރިހާ ހެއްކެއް ފޮރުވާފައި ބަހައްޓައި އެ ހުށަނޭޅުމާއި، އޭނާގެ ސަލާމަތަށްޓަކައި ވަކާލާތުކުރެވުނު ގޮތަށް ބަލާއިރު މިއީ ކުޅުނު ޑްރާމާއެއް ނޫންބާއޭ ހިތަށް އަރައެވެ.
ލިޔުނީ: ނަސްރުﷲ ޖަމީލު
Comments are closed